ސަރުކާރުގެ ކުންފުންޏަކަށް ޓެކްސީ ކުރުމުގެ މަސައްކަތް ހަވާލުކުރަން ވިސްނަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މާލޭގައި ޓެކްސީގެ ޚިދުމަތް ރަނގަޅަށް ނުދެވޭކަމުގެ ޝަކުވާ ލިބޭތީ، ޓެކްސީ ލައިނެއް އުފެއްދުމަށް މިނިސްޓްރީން ނިންމާފައިވެ އެވެ. މި މަސައްކަތް ކުރަން ބޭނުންވަނީ އިލެކްޓްރިކް ވެހިކަލްތައްވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ފެހި ޕްރޮގްރާމްގެ ދަށުން ވަކި އަދަދަކަށް އިލެކްޓްރިކް ކާރުތައް ގެނެސް، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. މި ޓެކްސީ ލައިންގެ ބޭނުމަށް ޚާއްޞަ ޕާކިން ބިމެއް 10 ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މި ޓެކްސީ ލައިން ހިންގުމަށް އެންމެ ރަނގަޅު ފަރާތަކީ އެމްޓީސީސީ އެވެ. ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން ކެޕިޓަލް އިންވެސްޓްމަންޓް ދައުލަތުން ދީގެން ޓެކްސީ ލައިން ހިންގަން ރާވާފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި އައު ޓެކްސީ ލައިންގެ 50 އިންސައްތަ ޑްރައިވަރުންނަކީ ދާއިމީ މުވައްޒަފުންނެވެ. އަދި އަނެއް 50 އިންސައްތަ ސްލޮޓްތައް ހުޅުވާލެވިފައިވަނީ އެއް ވަޒީފާގައި އުޅެމުންވެސް އިތުރު އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ނުވަތަ 2 ނުވަތަ 4 ނުވަތަ އެއަށްވުރެ ވެސް ގިނަ ގަޑިއިރަށް މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށެވެ.
މި ޓެކްސީ ލައިންގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުމާއި، ޑްރައިވިންގ ލައިސަންސް އޮތުމާއެކު ކުޑަ މެޑިކަލް ކްރައިޓީރިއާއެއް ފުރިހަމަކުރުން ހިމެނެ އެވެ. އަދި މީގެ އިތުރުން އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހެދުމަށް ވެސް ދަނީ ޕްލޭންކުރަމުން ނެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، ޑްރައިވަރުންނަށް ވަކި ޑްރެސް ކޯޑެއް ކަނޑައެޅިގެންދާނެއެވެ. މިއީ ޑްރައިވަރުކަން ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހަމަޖެއްސުމަށް ކުރެވޭ ކަމެކެވެ. އަދި މިހާރު ޓެކްސީ ދުއްވާ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް އުނިކަމެއް ނާންނާނެކަން މިނިސްޓަރ ކަށަވަރުކޮށްދެއްވި އެވެ. ސަރުކާރުން މި ޓެކްސީ ލައިންގެ މެއިންޓެނަންސް ހަރަދާއި ތެލުގެ ހަ ރަދު ބަލަހައްޓާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދާއިމީ މުވައްޒަފުންނަށް ޓެކްސީ ލައިން ހަވާލުކުރެވޭ އެސްއޯއީގޯއީގެ ތެރެއިން މަސައްކަތް ކުރާނެ މިންގަނޑު ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު ދެ މަޤްޞަދެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ޓެކްސީ ޚިދުމަތް ސްޓޭންޑަޑައިޒް ކުރުމާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހުރިހާ ގަޑިއެއްގައިވެސް ޓެކްސީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމެވެ.
މިގޮތަށް ރަނގަޅު ސެކިއުރިޓީ ނިޒާމަކުން މޮނިޓަރ ކުރެވިގެން ޓެކްސީ ލައިނެއް ނުކުތީމަ މި ޚިދުމަތައް ދެން އަންނަން ބޭނުންވާ ބޭފުޅުންނަށް ވެސް އެ ސްޓޭންޑަޑަށް ވެހިކަލްއަށް އެއްޗެހި ގެންނެވީމަ މާކެޓު ލިބޭނީ. އެއިރުން އެބޭފުޅުންގެ ޓެކްސީ އާއްމު ރައްޔިތުން ބޭނުންކުރާނީ,“ މިނިސްޓަރ އަމީން ވިދާޅުވި އެވެ.
.
ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މި މަސައްކަތް އިޢުލާންކޮށް، ސަރުކާރުގެ ކުންފުންޏަކާ ޓެކްސީ ލައިންގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު މުހައްމަދު އަމީން ޓެކްސީ ހިދުމަތް