އާންމު ރައްޔިތުންގެ ކަރަންޓު ބިލު ކުޑަކުރުމަށާއި، އިއާދަކުރަނިިވި ހަކަތައިގެ ބޭނުން އިތުރުކުރުމުގެ މަޤްޞަދުގައި ގޭގައި ސޯލާ ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީން މިއަދު ގެޒެޓްގައި ކުރި އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ”މަގޭ ސޯލާ“ ޕްރޮގްރާމް އެކުލަވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް ކަމަށާއި، ގޭބިސީތައް ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު 28 އޮކްޓޫބަރު 2024 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލެވޭނެ އެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ދޫކުރެވޭ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުން ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާރވޭ ކުރުމަށްފަހުގަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅަކަށް ލިބޭ ޖުމުލަ ސިސްޓަމްތަކުގެ އަދަދު ވަނީ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ. އެންމެ ގިނަ 80 ސިސްޓަމް ކަނޑައަޅާފައިވަނީ އައްޑޫ ސިޓީއަށް ކަމަށާއި، އެންމެ މަދު 5 ސިސްޓަމް ކަނޑައަޅާފައިވަނީ ކ. އަތޮޅަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެ ކަމަށާއި، ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10 އިންސައްތަ ނަގާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. މި 10 އިންސައްތައަށްވާ ފައިސާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެ އެވެ.
ސިސްޓަމްތަކުގެ އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ 5 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ނެވެ. އިންސްޓޯލްމަންޓް ޕްލޭނުގެ ދަށުން އަގު އަދާކުރާނަމަ، ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި އެ މަހަކު ދައްކަންޖެހޭ އަދަދު ހިމެނޭނެ އެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މަހުން މަހަށް ކަރަންޓު ބިލުގައި ހިމަނައިގެން އަގު އަދާކުރާ ފަރާތްތަކުން އަގު ނުދެއްކުމުން އަމަލުކުރާނީ މިހާރުވެސް ކަރަންޓު ބިލު އަދާނުކުރުމުން ހިނގާ އުސޫލުން ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަންޖެަންޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން ނުވަތަ ގޭބިސީއަކުން ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށާއި، އާންމު ރައްޔިތުންގެ ކަރަންޓު ބިލު ކުޑަކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ މުހިންމު މަޝްރޫޢެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނން ބުނެފައިވެ އެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެ އެވެ.



