އަންދާޒާ ކުރިވަރަށްވުރެއް ބާރަށް ޕްރޮޖެކްޓްތައް އެބަހިނގާ ކަމަށާއި މަސައްކަތް ކުރުމަށްފަހު ކުންފުނިތަކުން ބިލް ކުރުމުން އެ ބިލްތަކަށް ފައިސާ ނުދައްކާ ނުތިބެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިއަދު މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދް މުސްތަފާ ވިދާޅުވީ ސަޕްލިމެންޓްރީ ބެޖެޓްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ހުށަހެޅިއިރު ޖުމުލަ ޕީއެސްއައިޕީއަށް ބޮޑު އަަދަދެއް ކަނޑައަޅަން ޖެހުނީ ބައިވަރު ޕްރޮޖެކްޓްތައް ކުރިއަށްދާތީ ކަމަށެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރުމުން އެ ފަރާތްތަކުން މަސައްކަތްތައް ކުރާ ކަމަށާއި އަދި މަސައްކަތް ކުރުމަށްފަހު ވަރަށް ގިނަ ފަރާތްތަކުން ބިލްކުރަމުންދާކަމަށް ސާއިދު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަށް ފައިސާ ނުދީ ސަރުކާރަކަށް ނުތިބެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ސާއިދު ވިދާޅުވީ އަންދާޒާ ކުރިވަރަށްވުރެއް ބާރަށް ޕްރޮޖެކްޓްތައް އެބަހިނގާ ކަމަށާއި އެވާހަކަ ބައެއް ފަރާތްތަކަށް ގަބޫލު ކުރަން ދަތިވެދާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތައް ބާރަށް ހިނގާއިރު ހިނގާ ހަރަދުތަކަށް ބޭނުންވާ ޖާގަވެސް ބަޖެޓްގައި އޮންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސާއިދު ވިދާޅުވީ ސަރުކާރުން ކޮންމެހެންވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމަށް ބާކީ އޮތް މުއްދަތުގައި މި ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭނެ ވަރު ސަޕްލިމެންޓަރީ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް