އަންނަ އަހަރު އެކި މުވައްޒަފުންގެ މުސާރަތައް 10 އިންސައްތަ ދަށް ކުރާއިރު އެ މުވައްޒަފުންގެ ތެރޭގައި ޕްރޮފެޝަނަލް މުވައްޒަފުން ނުހިމެނޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ސަރުކާރުން މިއަހަރަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މުސާރައިން 10 އިންސައްތަ އުނި ކުރާ މުވައްޒަފުންގެ ތެރޭގައި ޕްރޮފެޝަނަލް ކެޓަގަރީގެ މުވައްޒަފުން ނުހިމެނޭނެ ކަމަށެވެ.
ޕްރޮފެޝަނަލް ކެޓަގަރީސްތައް އިސްތިސްނާ ވާނެ. އެއީ އަޅުގަނޑުމެން އެކްރޮސް ދަ ބޯޑު ނެގި ކަމުގައި ވިޔަސް ބައެއް ކަހަލަ އިންޖިނިއަރުންނާއި ބައެއް ކަހަލަ މީހުންނަކީ އެއީ އަޅުގަނޑުމެންނަށް، މިސާލަކަށް ސެލަރީ ދަށްކޮށްފި ކަމަށް ވެއްޖެއްޔާ، އެ މީހުންނަށް އެެއަށް ވުރެ ބެޓާ އޮޕްޝަންސް އޮވެއްޖެއްޔާ، ގޮސްފި ކަމަށް ވެއްޖެއްޔާ އެ ކުންފުނިތައް ހިންގަން އުނދަގޫވާނެ.
ސަރުކާރުން މުސާރައިގެ 10 އިންސައްތަ ކުޑަ ކުރާ ވަޒީފާތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުވައްސަސާތަކުގެ އިސްވެރިން ހިމެނެ އެވެ.
މުސާރަ ކުޑަ ކުރާ ވަޒީފާތައް:
- ސިޔާސީ މުވައްޒަފުން
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން
- ސަރުކާރު ކުންފުނިތަކުގެ ވެރިން
- މިނިވަން މުއައްސަސާތަކުގެ އިސްވެރިން
- ޝަރުއީ ދާއިރާގެ އިސްވެރިން
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
މީގެ ތެރެއިން މުސާރައިގެ ގޮތުގައި 12،000 ރުފިޔާއަށް ވުރެ ދަށުން ލިބޭ މުވައްޒަފުން ނުހިމެނޭކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނަގަން ނިންމަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު