އަންނަ 2025 ވަނަ އަހަރުގެ މެދުތެރެއަށް މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ މުއްތަލިބް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށާއި، މިފަދަ މަސައްކަތްތައް ކުރިޔަށްގެންދާ ވަކި ޕްރޮސެސްތަކެއް ހުންނަ ކަމަށެވެ. އެގޮތުން، މަގުހެދުމުގެ މަސައްކަތަށް މިއަންނަ މަހުގެ 4 ވަނަ ދުވަހު ފީޒިބިލިޓީ ޓީމެއް މާލެ އަންނާނެ ކަމަށާއި، އެ ޓީމުން 20 ދުވަސް ވަންދެން މާލޭގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
“އަޅުގަނޑު ޕްރޮޕޯސަލް ލީމަ އެފަރާތުން އެޕްރޫވް ކޮށްފަ ފީޒިބިލްޓީ ޓީމް އައިސް އެ ފީޒިބިލްޓީ ޓީމުންދޭ މައުލޫމާތަށް ބިނާކޮށް ޕްރޮޖެކްޓް ޑިޒައިންކޮށް ޓެންޑަރިންއާ ހަމައަށް ދަނީ،” މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަހަރު ފެށުމާއެކު މި މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް އަންނަ އަހަރުގެ މެދުތެރޭގައި މާލޭގެ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށޭވަރުކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ޓާގެޓަކީ އަންނަ އަހަރު ފަށައިގެން ކުރިޔަށް އޮތް 4 އަހަރުގެ ތެރޭގައި މަޝްރޫއު ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންނަމަވެސް، މާލެއަކީ ވަރަށް ތޮށްޖެހިފައި އޮތް ތަނަކަށްވާތީ ވީހާވެސް މީހުންނަށް ދަތިނުވާގޮތަށް ވިސްނައިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދާނެތީވެ ސީދާ ޕްރޮޖެކްޓް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވި އެވެ.
މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލާ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ހިލޭ އެހީ ދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވީ، މި އަހަރުގެ ކުރީ ކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ