ހޯކްސްގެ ގުދަނަކުން 1.69 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.695 މިލިއަން ރުފިޔާގެ ސިނގިރޭޓު ސްޓިކްސް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ތަކެތި އަތުލައިގަތީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަން ހިންގީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓުގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި ”އެމް.ޓީ ހޯކްސް ޖަވާހިރު“ ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ނެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ސިނގިރޭޓުތައް ”އެމް.ޓީ ހޯކްސް ޖަވާހިރު“ އިން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ދޯންޏެއް ކަމަށްވާ ”ހޯކްސް ރޯދި“ އަށް އަރުވައި، ކ. ތިލަފުއްޓަށް ގެންގޮސް، އެތަނުން އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކަކަށް އަރުވާފައިވެ އެވެ. މި ތަކެތި އަތުލައިގަތީ ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓު ޔާޑުން ނެވެ.

އިތުރަށް ކުރި ތަޙުޤީޤުގައި، ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓު ހުރިކަމަށް ޝައްކުކުރެވިގެން ކޯޓު އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރިއިރު، އެ ބޯޓުޔާޑުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން ”މެންޗެސްޓާ“ ބްރޭންޑުގެ ސިނގިރޭޓު ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، އެ އިދާރާއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން ޢަމަލުކުރާނެ ކަމަށާއި، ކަސްޓަމްސް ޤާނޫނު ތަންފީޒު ކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

ހޯކްސްގެ އުޅަނދަކުން ގިނަ އަދަދެއްގެ ސިނގެރޭޓް އަތުލައިގެންފައިވާއިރު، ރާއްޖެއަށް އާންމުކޮށް ސިގެރޭޓް އެތެރެކުރާ ގިނަ ކުންފުނިތަކުންވެސް އަންނަނީ ޑިއުޓީ ބޮޑުކުރުމުގެ ކުުރިން ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގެރޭޓް އެތެރެކުރަމުންނެވެ. ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލްގައިވާ ގޮތުން، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފަށާނެ އެވެ.

ކަސްޓަމްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ