“ގެދޮރުވެރިޔާ ސްކީމް”ގެ ދަށުން މިދިޔަ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފަށާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ ތެރޭގައި ފްލެޓްގެ ހައްޤުވެރިން ކަނޑައަޅާ، ލިސްޓް އާންމުކުރާނެ އެވެ. އަދި ނިމުނު ހަފްތާގެ ތެރޭގައި މިނިސްޓްރީން ވަނީ މި ހަފްތާގެ ތެރޭގައި ލިސްޓު އާންމުކުރާނެކަމަށްވެސް ބުނެފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން، ރައީސް އެކުލަވާލައްވާފައިވާ ހައުސިން އެޑްވައިޒަރީ ކޮމިޓީ އަދި ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީން ވެސް ނިންމާފައިވަނީ ފްލެޓަށް ލާފައިވާ ހުރިހާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ކަމަށެވެ.
މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އަލުން އިވެލުއޭޓް ކުރުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، މި މަސައްކަތް ފުރިހަމައަށް ނިންމާލުމަށްޓަކައި، މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން 15,000 އަށްވުރެ އިތުރު ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 9,000 ފަރާތަކީ ފުލެޓަށް ޝަރުޠު ހަމަވާ ފަރާތްތައްކަމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވެ އެވެ. މީގެއިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޢިމާރާތްކުރަމުންދާ 4,000 ފުލެޓުގެ ޙައްޤުވެރިންގެ ވަގުތީ ލިސްޓެއްވެސް އެ ދުވަސްވަރު ޢާންމުކޮށްފައިވެ އެވެ.
އެހެންނަމަވެސް، މި 4,000 ފުލެޓުގެ ޙައްޤުވެރިން ކަނޑައަޅައި ޢާންމުކުރެވުނު ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރުމާ ގުޅިގެން، އެ ފަރާތްތަކަށް ފުލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކެނޑުނެވެ. އެގޮތުން އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ. އޭގެފަހުން، މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.