ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވަކި ބޭންކުތަކުން 12.79 މިލިއަން ޑޮލަރު ދޫކުރާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް ހާމަކުރައްވައިފި އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހުކުރު ދުވަހު “އައްޑޫ ޓޫރިޒަމް ބްރޭންޑް” ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވަނީ މިފަދަ ސަރަހައްދުތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާފަ އެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ފިޔަވަޅުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ މަޝްރޫއުތައް ފެށުމަށް ފައިނޭންސިން ހޯދުމުގައި ހުރި ދަތިތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިކަންކަމަށް ހައްލެއް ހޯދުމަށް މިނިސްޓަރު ފައިސަލް އިޝާރާތް ކުރެއްވީ ވަކި ބޭންކުތަކެއް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ރާވާފައިވާ ކަމަށެވެ. މި އެހީ ރަނގަޅު އިންޓްރެސްޓް ރޭޓެއްގައި ފޯރުކޮށްދިނުމަކީ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، އެނދުގެ ކެޕޭސިޓީ ފުޅާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. ފަތުރުވެރިކަމުގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން ފާހަގަކުރައްވައި، ދަތުރުފަތުރުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކި ލޮކޭޝަންތައް ޕްރޮމޯޓް ކުރުމަކީ ވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ފައިސަލް ވަނީ މުޅި ރާއްޖޭގައި ފަތުރުވެރިކަމަށް ހާއްސަ އެނދުގެ ކެޕޭސިޓީ އިތުރުކޮށް، މި ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒު ހާމަކުރައްވާފަ އެވެ. މީގެ ތެރޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް، ލޯންޑްރީ އަދި ވިޔަފާރިތަކުގައިވެސް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ތަރައްގީއެއް ބޭނުންވާ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، ވަކިވަކި އަތޮޅުތަކުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.