ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ މެނޭޖްމަންޓް ކޮމިޓީއަށް އަދި ކާޓާގެ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެ ހަމަޖައްސައިފި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން ބުނީ މި މަގާމަށް ރާއްޖެ އައްޔަންކުރީ އިރުމަތީ އެފްރިކާގެ މޮރިޝަސްގައި ބޭއްވި ކާޓާގެ 23 ވަނަ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގެ ތެރެއިން ކަމަށެވެ. އާންމު ޖަލްސާ ބާއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 21-25 އަށެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް އައްޔަންކޮށްފައިވާއިރު، މީގެ ކުރިން ރީޖަނަލް ޑިރެކްޓަރުގެ ދައުރު މީރާއިން އަދާކޮށްފައި ވެއެވެ. ރާއްޖެ މި ކޮމެޓީއަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2012 ވަނަ އަހަރު އެވެ.
1978 ވަނަ އަހަރު އުފެދުނު ކާޓާގެ އަމާޒަކީ އެންމެ ރަނގަޅު އުސޫލުތަކާއި ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި ޕަބްލިކޭޝަންތަކުގެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން 47 މެންބަރު ގައުމުގައި ޓެކްސް އެޑްމިނިސްޓްރޭޝަން ފައިދާހުރި ގޮތެއްގައި ތަރައްގީ ކުރުމެވެ. މިހާރު އެއީ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. 2023 ވަނަ އަހަރު މި ކޮންފަރެންސް ރާއްޖޭގައި ބާއްވާފައިވެސް ވެއެވެ.
މިއަހަރުގެ ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސްގައި، އެ ޖަމިއްޔާއަށް ޗެއާމަނަކާއި ރައީސަކު ހޮވުމަށް ވޯޓުލުމުގެ ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ. ކާޓާގެ ރައީސް ކަމަށް މެލޭޝިއާ އިންތިހާބުވިއިރު، ޗެއާމަންގެ މަގާމަށް އިންތިހާބުވީ މޮރިޝަސް އެވެ.
ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) މީރާ