ގއ. ވިލިނގިލި ކައުންސިލުން އެރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 11 ގޯއްޗެއް ކުއްޔަށް ދޫކުރުމަށް ރާވާފައިވާކަން އިއުލާންކޮށްފި އެވެ.
މި ގޯތިތަކަކީ ޓޫރިސްޓް ހޮޓަލްތަކާއި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ޤާއިމްކުރުމަށް ހަދާފައިވާ ގޯތިތަކެކެވެ.
ވިލިނގިލީ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި، މި ގޯތިތަކުގެ ތެރޭގައި ހިމެނެނީ 3647 އަކަފޫޓާއި 2701 އަކަފޫޓާއި 1670 އަކަފޫޓާއި 1234 އަކަފޫޓާއި 607 އަކަފޫޓާއި 400 އަކަފޫޓުގެ ހަ ޕްލޮޓެވެ. މި ބިންތައް ކުއްޔަށް ދޫކުރާނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށް ކައުންސިލުން ހާމަކުުރެއްވި އެވެ.
މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮވެމްބަރު 5 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަންވާނެ ކަމަށް ކައުންސިލުން އަންގަވާފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ އުތުރާއި މެދު ރާއްޖެތެރޭގައި ކަމަށްވާއިރު، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަކީ މިހާރުގެ ސަރުކާރުގެ ވަޢުދެކެވެ. އެގޮތުން، ދެކުނުގެ 4 އަތޮޅު ކަމުގައިވާ ލ، ގއ، ގދ އަދި އައްޑޫގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވާކަން ފާހަގަކުރެވެ އެވެ.
މި ފިޔަވަޅަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، އެ ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން ވިލިނގިއްޔަށާއި މުޅި ހުވަދުއަތޮޅަށށް އިތުރު ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީީ ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.