އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އާ ފަރޓިލިޓީ ސެންޓަރެއް ހޯދަން ނިންމާފައިވާއިރު، އޭގެ ފަހުން އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ފަރުވާތައް މި އަހަރުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށް ބުނެފި އެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ގާއިމްކުރާނެ ކަމަށެވެ.
ހަލީމް ވިދާޅުވީ އެ ސެންޓަރު ގާއިމްވުމުން އައިވީއެފް ފަރުވާތައް ވެސް އެތަނުން ދޭނެ ކަމަށެވެ.
ފާޓިލިޓީ ސެންޓަރެއް ގާއިމް ކުރަމުންދާއިރު، މިވަގުތުވެސް އެ ހޮސްޕިޓަލުގައި އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން ހިންގާ ‘ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް’ ހުރެ އެވެ.
ހަލީމް ވިދާޅުވީ މިހާރު ހުރި މަރުކަޒަކު ފާޓިލިޓީ ސެންޓަރެއްގެ ގޮތުގައި ނަން ދީފައިވީ ނަމަވެސް ދަރިމައިވުމުގެ ބަލިތަކާއި ބެހޭ ހަގީގީ ފަރުވާއެއް ނުދެވޭ ކަމަށާއި އެތަން ހުންނަނީ ހަމައެކަނި ނަމެއްގައި ކަމަށެވެ. އޭގެ ބަދަލުގައި އެ ސެންޓަރުން މަތީ ފެންވަރުގެ ޔޫރޮލޮޖީ އާއި ކިޑްނީގެ ބަލިތަކަށް ބޭސްފަރުވާ ފޯރުކޮށްދޭ ކަމަށް ހަލީމް މައުލޫމާތު ދެއްވި އެވެ.
“އަޅުގަނޑުމެން މި ގާއިމުކުރަން މިއުޅޭ ނޭޝަނަލް ފަރޓިލިޓީ ސެންޓަރަކީ ހަމައެކަނި ނަން ބޯޑަކަށް ނުވާނެ. މި ސެންޓަރު ގާއިމުކުރާނީ އައިވީއެފް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ސާމާނާއެކު. މާނައަކީ މިތަނުގައި ޑޮކްޓަރުންނާ މަޝްވަރާކުރުމަށްފަހު ހުރިހާ ކަމެއްވެސް ކުރެވޭނީ ދަރުމަވަންތަ ހޮސްޕިޓަލުން.”
ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރު ވިދާޅުވީ ދަރިމައިވުމުގެ ބަލިތަކުގެ ފަރުވާ ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިއަދާ ހަމައަށް ކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ފާޓިލިޓީއަށް ހާއްސަ ސެންޓަރެއް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިވީއެފް ފަރުވާ ދޭން އެންސްފާއިން އެޕްރޫވްކޮށްފައިވާ ފަރާތްތަކަށް އެ ގައިޑްލައިންގެ ދަށުން ފަރުވާ ދެވޭނެ ކަމަށެވެ.
މިވަގުތު ރާއްޖޭގައި އައިވީއެފް ފަރުވާ ދޭ ހަމައެކަނި މެޑިކަލް ފެސިލިޓީއަކީ ޓްރީ ޓޮޕް ހޮސްޕިޓަލެވެ.