ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، އަބްދުﷲ ރާފިޢު، އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވާހެން، ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ޗޮގަމް 2024ގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗޮގަމް 2024ގެ މައިގަނޑު ބައްދަލުވުމާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއާ ގުޅުންހުރި، ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވާފަ އެވެ.
އެގޮތުން، ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް، ބިލްޑިންގ ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު، ކޮމަންވެލްތު ބިޒްނަސްފޯރަމް، އައިލެންޑް ލީޑަރސް ރައުންޑް ޓޭބަލް އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓްގައި ނައިބުރައީސް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
ނައިބުރައީސް ވަނީ، ޗޮގަމް 2024ގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވައިފަ އެވެ. ޗޮގަމް 2024ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައިވެސް، ނައިބުރައީސް ވަނީ ތަފާތު އެކި ދާއިރާތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވައި، ތަފާތު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ސަމޯއާގެ ވެރިރަށް އަޕިއާގައި، އޮކްޓޯބަރ 21 އިން އޮކްޓޯބަރ 26ގެ ނިޔަލަށް ކުރިއަށް ދިޔަ ޗޮގަމް 2024 އަކީ، ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ޙަރަކާތްތެރިވުން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސަމޯއާ