އައްޑޫ ގަމުގައި ފަތުރުވެރިކަމަށް ހާއްސަ 130 އެނދު އަޅަން ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިންސް އިން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ބޭއްވި އައްޑޫ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ފަރުމާކޮށްފައިވާ ހާއްސަ ލޯގޯއަކާއި ބްރޭންޑިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅު އަދި މިހާރު ފަތުރުވެރިކަން ނެތް ހުރިހާ ސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމަކީ މިހާރުގެ ސަރުކާރުގެ ވައުދެއް ކަމަށާއި އެކަމަށް ހާއްސަ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އައްސޭރި ފަތުރުވެރިކަމުގެ މަޝްރޫއާ އެކު އައްޑޫ ސިޓީއަށް 6،000 އެނދު އިތުރުކުރުމެވެ.
އައްސޭރި މަޝްރޫއުގެ އިތުރުން ފައިސަލް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓާއި ކާސާ ހޯލްޑިންގްސް މަޝްރޫއު ނިމުމުން މިހާރު ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
ކާސާ ހޯލްޑިންސްއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ 30 އިންސައްތަ ހިއްސާދާރުން ނެވެ. ބާކީ 70 އިންސައްތަ ހިއްސާދާރުންނަކީ ދިވެހި ސަރުކާރެވެ. އެހެންކަމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ކުންފުންޏާއިއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަޝްވަރާތައްކޮށްފަ އެވެ. ނަމަވެސް، އެކަންތައް ފަހިކުރުމުގެ ކުރިން ސަރުކާރުން ވަކި ކަންތައްތައް ކުރަން ޖެހޭ ކަމުގައި ފައިސަލް ހާމަކުރެއްވި އެވެ.
މިވަގުތު ގަމުގައި ފަތުރުވެރިކަން ކުރަމުންދަނީ ހަމައެކަނި އީކުއޭޓާ ވިލެޖް ގަ އެވެ. އައްޑޫ ހިމެނޭހެން ދެކުނުގެ 4 އަތޮޅު ކަމުގައިވާ ލ، ގއ އަދި ގދ. ގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައި ވެއެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް



