’މަގޭ ސޯލާ ޕްރޮގްރާމް‘ ގެ ދަށުން ގޭބިސީތަކުގައި ސޯލާ ސިސްޓަމް އިންސްޓޯލް ކުރުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް މޫސުމަށް އަންނަ ބަދަލުތަކާއި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކަރަންޓުގެ ޚަރަދު ކުޑަކުރުމާއި ރާއްޖޭގައި ހަކަތައިގެ ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށް ކުރިއެރުވުމެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށާއި، ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ތަރުތީބުން ކަމަށްވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން 748 ގޭބިސީއެއްގައި ކާމިޔާބުކަމާއެކު ސޯލާ ސިސްޓަމް ގާއިމްކޮށްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އަދި ސަރުކާރުން މިހާރު ވަނީ ކޮންމެ އަތޮޅަކަށްވެސް ތަފްސީލުތަކެއް ކަނޑައަޅާ، އެ ތަފްސީލުތައް ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ސޯލާ ޕީވީ ސިސްޓަމްތަކުގެ ސައިޒު ނެޓް މީޓަރިން ސާވޭއެއްގެ މައްޗަށް ބިނާކޮށް ކަނޑައަޅާނެ އެވެ. މިގޮތުން 3 ކިލޯވޮޓާއި 5 ކިލޯވޮޓްގެ އޮޕްޝަންތައް ލިބޭނެ އެވެ. 3 ކިލޯވޮޓްގެ ސިސްޓަމެއްގެ އަގަކީ 2،929 ޑޮލަރު ކަމަށްވާއިރު، 5 ކިލޯވޮޓްގެ ސިސްޓަމެއްގެ އަގަކީ 4،883 ޑޮލަރެވެ.
އިންސްޓޯލް ކުރުމަށް އެޑްވާންސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަވެސް ކޮންޓްރެކްޓްގައި ސޮއިކުރުމުން ފީއެއް ދައްކަން ޖެހޭނެކަން މިނިސްޓްރީން ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ލިބޭ އެއްޗަކަށް ހެދުމަށް ވާއިރު، މި މަގްސަދު ހާސިލުކުރުމަށް މާގޭ ސޯލާ ޕްރޮގްރާމަކީ މުހިންމު އިސްނެގުމެއްކަން މިނިސްޓްރީން ބުނެ އެވެ.