ޕްރައިވެޓް ސެކްޓާއިން ސަރުކާރަށް އެހީވެދޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ގެ ބިޒްނަސް ފޯރަމްގައި ބޭއްވި “ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްގެ ސީ.އީ.އޯ-ލީޑަރ” އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި އިވެންޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތުގެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާއި ބައްދަލުކުރައްވާފަ އެވެ.
ނައިބު ރައީސް ވިދާޅުވީ އުފެއްދުންތެރި އަދި ދެމެހެއްޓެނިވި މެނޭޖްމަންޓް އުސޫލުތައް ތަޢާރަފުކުރުމަށް އިތުރު ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް މުހިންމު ކަމަށެވެ.
ގުދުރަތީ ހައްލުތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) ތަކާބެހޭ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ މިންވަރު ފާހަގަކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކުރުމަކީ އަބަދުވެސް ރާއްޖޭގެ އެޖެންޑާގައި ވަރަށް މަތީ ދަރަޖައެއްގައި ހިމެނިފައިވާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުން އަމިއްލަ ވިޔަފާރިތަކުން މާލީ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާ ހޯދައި، ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ އެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައިގެ ޙާޟިރުގައި ކުރިއަށްދިޔަ މަތީ ފަންތީގެ، ސީ.އީ.އޯ އަދި ކޮމަންވެލްތު ލީޑަރ އިވެންޓު އިންތިޒާމުކުރީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއިން ނެވެ. ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އުފެއްދެވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޕްރިންސް އޮފް ވޭލްސްގެ މަޤާމުގައި ހުންނެވިއިރު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސަމޯއާ ކޮމަންވެލްތު