ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.
މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، އާއި ކޮމަންވެލްތު ގައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރާފިޢުއާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ ވަނީ ކޮމަންވެލްތު ބައްދަލުވުމަށް ވަޑައިގެންނެވި މަންދޫބުންނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރު އެވެ. އަދި ބައްދަލުވުން ބާއްވަނީ މެންބަރު ގައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ގައުމުގަ އެވެ.
މި އަހަރަކީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ޤައުމެއްގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިއާރަކީ ”ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު“ (ހުރިހާ ހާލަތަކަށްވެސް ފެތޭ މުސްތަގުބަލެއް: ކޮމަންވެލްތް ބަދަލުކުރުން) އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސަމޯއާ ކޮމަންވެލްތު