ބޯހިޔާވަހިކަމުގެ ސޮފްޓް ލޯން ސްކީމް ”ހިޔާވަހި“ ގައި އެއްބާރުލުން ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިން މިނިސްޓްރީއާއިއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ”ހިޔާވަހި“ ސޮފްޓް ލޯން ސްކީމްގައި އެއް މިލިއަން ރުފިޔާއާއި ހަ މިލިއަން ރުފިޔާ އާއި ދެމެދުގެ ލޯނު ފަސް އިންސައްތައިގެ އިންޓަރެސްޓް ރޭޓުން ދޫކުރާނެ ކަމަށެވެ.
މި ލޯނުތައް ހުށަހަޅާފައިވަނީ އަންނަނިވި ގޮތަށެވެ.
* ކުޑަ ރަށްރަށުގައި ގެދޮރު އެޅުމަށް 1 މިލިއަން ރުފިޔާ ހަމައަށް
* އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް 3 މިލިއަން ރުފިޔާ ހަމައަށް
* މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް 6 މިލިއަން ރުފިޔާއާއި ހަމައަށް
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޯނުތައް ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދޭނެ އެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނު ދޫކުރާނީ އަލަށް ގެދޮރު އެޅުމަށާއި މިހާރުވެސް އަޅަމުންދާ ގެތައް ނިންމުމަށް ކަމަށެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެކު މިހާރު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.
ބޯހިޔާވަހިކަމަށް އިންޓްރެސްޓް ރޭޓް ދަށްކޮށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހައުސިން މިނިސްޓްރީ ބީއެމްއެލް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު