ސިޔާސީ މުވައްޒަފުންގެ އަދަދާއި އެފަރާތްތަކުގެ މަގާމުގެ މަސްއޫލިޔަތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 59 މެންބަރުން ވޯޓު ދިނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދިނީ 8 މެންބަރުންނެވެ.
މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް، މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިމެނޭ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް އިއުލާނު ކޮށްފައިވާއިރު، ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވައިލާ ކަމަށެވެ.
މީކާއިލް ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މިއަދު ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން 15 ދުވަހުގެ ތެރޭގައި މަގާމުން ވަކިކުރުމަށް އަންގާފަ އެވެ.
މީގެއިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރަން އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް، މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް އަދި ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.