ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން ކަމުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ރައީސް މުއިއްޒަށް ތައުރީފް ކުރައްވާފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވީދެމުންދާ އިޖުތިމާއީ ފޭރާން ހެޔޮކޮށް ރާއްޖޭގެ މާލީހާލަތު ރަނގަޅުކޮށް ދިވެހީންނަށް ”ދިވެހީންގެރާއްޖެ“ އަނބުރާ ހޯދައިދިނުމުގެ ބުރަ އުނދަގޫ މަސައްކަތް ރައީސް މުއިއްޒުގެ ޒައާމަތުގެ އެންމެ ފުރަތަމަ ދުވަހުވެސް ފައްޓަވާފައިވާ ކަމަށެވެ.
”ދިވެހި މުޖުތަމައު ތެރޭގައި މޫލާފައި ހުރި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަން މިއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެވެ. އެހެންނަމަވެސް، ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިންނެވެ،“
ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން މިއަދު ފެންނަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށްވެސް ނުފެންނަ ކަންކަމޭ ދެންނެވުން އެއީ ކުށަކަށް ނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އަދި ރައީސް މުއިއްޒު މިހާރު ނިންމަވަމުން އެ ގެންދަވަނީ ފަސޭހަ ނިންމެވުންތަކެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސްގެ ނިންމެވުންތަކަކީ ސިޔާސީ ގޮތުން މަގުބޫލު ނިންމެވުންތަކެއް ކަމަށް ގަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅަކުވެސް ނެތް ކަމަށެވެ. އަދި ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެއް ކަމުގަ އެވެ.
”އެހެން ނަމަވެސް ރައީސް މިއަދު އެ ސާބިތު ކޮށްދެއްވަނީ މިއީ އެކަކު ދެމީހެއްގެ ގައުމެއް ނޫން ކަމެވެ. އެމަނިކުފާނު އެ ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއް ކަމެވެ،“
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އެކުރައްވާ މަސައްކަތްތަކަކީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ސަލާމަތްކޮށްދިނުމުގެ ގޮތުން ކުރައްވާ މުހިއްމު ބުރަ މަސައްކަތްތަކެއް ކަމަށާއި، އެހެންކަމުން، ހުރިހާ ރައްޔިތުންވެސް ބަލަންވީ އެ ކަންކަމުގައި ރައީސްއަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ކަމަށެވެ.
”މާދަމާ މިފަސްގަނޑުގައި ދިރިއުޅެން ތިބޭނީ ހަމަ އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނެވެ. އަޅުގަނޑުމެންގެ ދަރިފަސްކޮޅެވެ،“



