ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އަޅުއްވާ ފިޔަވަޅެކެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް އަޅުއްވާނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
އެގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުމަށް ނިންމަވާފައިވެ އެވެ. އަދި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިންވެސް 10 އިންސައްތަ އުނިކުރައްވާ، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90,000 ރުފިޔާ ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިންވެސް 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މި ފިޔަވަޅުތައް އެޅުއްވުމުގައި 12,000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ އެކި ފަރާތްތަކުން އަދި ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކަށް ސަރުކާރުން ސަމާލުކަން ދެއްވާނެ ކަމަށް ބެލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސާދީ ހާލަތު



