ގަމާއި ފުނަދޫގައި އަސްކަރީ ބޭސްއެެއް ގާއިމުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ މޮނިޓަރިން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގަން، އައްޑޫ އަދި ށ. ފުނަދޫގައި އަސްކަރީ ވައިގެ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އަސްކަރީ ޑްރޯން ބޭނުންކުރުން ރާއްޖޭގައި ތައާރަފްކުރީ މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން ތުރުކީ ސަރުކާރާއި މަޝްވަރާކުރައްވައިގެން ތުރުކީން ތިން އަސްކަރީ ޑްރޯން ރާއްޖެއިން ހޯދާފައިވެ އެވެ. މިވަގުތު ޑްރޯންތައް އޮޕަރޭޓްކުރާ މައި މަރުކަޒަކީ ނ. މާފަރު އެއާޕޯޓެވެ.

މިނިސްޓަރު އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން ”މިހާރު ނިއުސް“ އަށް ވިދާޅުވީ ފުނަދޫ އާއި ގަމުގައި ޑްރޯން ބޭސް ނުވަތަ އަސްކަރީ ވައިގެ މަރުކަޒުތައް ގާއިމް ކުރަން ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ލަފާގެ މަތިން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުނަދޫ ކައުންސިލުން މިހާރު މިކަމަށް ބޭނުންވާ ބިން ދޫކޮށްފައިވާ ކަމަށާއި، އެ ތަނުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕްލޭނަކީ ފުރަތަމަ ގަމުގައި ހުންނަ ޔޫއޭވީ ބޭސްގެ މަސައްކަތް ނިންމައި، އޭގެ ފަހުން ފުނަދޫގައި މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ގަމުގައި ހުންނަ ބޭސްގެ މަސައްކަތް ނޮވެމްބަރު މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށާއި އެ ހިސާބުން ދެން ޑްރޯންތައް އޮޕަރޭޓް ކުރެވޭނީ މި ބޭސްއިން ކަމަށެވެ.

ގަން ބޭސް ނިމޭއިރު އިތުރު ޑްރޯންތައް ގެނައުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ. މިވަގުތު ތިން ޑްރޯން ބޭނުން ކުރަމުންދާއިރު، ސަރުކާރުން ގެންނަން ހަމަޖެހިފައިވާ އާ ޑްރޯންގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

”މިހާރު ހަލުވިކަމާއެކު މަސައްކަތް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ ސ.ގަން ޔޫއޭވީގެ އޮޕަރޭޝަންތައް ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށުން. މިހާރު އެމްއެންޑީއެފްގެ އޮފިސަރުން އެތަނުގައި މަސައްކަތް ކުރަމުން އެބަދޭ،“

ޣައްސާން ވިދާޅުވީ، ގަން އަދި ފުނަދޫގެ ހެންގަރުތައްވެސް އަޅާނީ އެމްއެންޑީއެފްގެ ބަޖެޓުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އޮޕަރޭޝަންތައް ފެށުމަށް ރައީސް ނިންމެވިހާ އަވަހަށް މާފަރު އެއާޕޯޓް ޑްރޯން ބޭސްއެއްގެ ގޮތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ޑްރޯންތަކުގެ ބާވަތަކީ ބައިނަލްއަގްވާމީ ގޮތުން އެންމެ ޑިމާންޑް ބޮޑު މޮޑެލް ކަމަށް ފާހަގަކުރައްވައި، އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި މި ޑްރޯންތައް ހޯދުމަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާންއާއި ރައީސް މުއިއްޒުއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޣައްސާން ވަނީ ޑްރޯންތަކުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށް ފެތުރިފައިވާ ވާހަކަތަކަށް ވެސް މުހާތަބު ކުރައްވާފަ އެވެ. މާފަރު އެއާޕޯޓް ރަންވޭ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާތީ އެތަންތަން އޮޕަރޭޓް ނުކޮށް ދުވަސްކޮޅެއް ފާއިތުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވާ ގޮތުގައި ގަމުގައި އަސްކަރީ ވައިގެ މަރުކަޒެއް ގާއިމް ކުރުމަކީ، އެއްވެސް ގޮތަކަށް ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމެކެވެ.

އޭނާ ހަނދާންކޮށްދެއްވީ އެމްއެންޑީއެފް ބޭސްއެއް އައްޑޫގައި ހުންނަތާ މިހާރު 31 އަހަރު ވެފައިވާއިރު، އެތަނުގައި ވެސް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. ގައްސާން އިތުރަށް އަލިއަޅުއްވާލެއްވީ މުޅި ރާއްޖޭގައި އެމްއެންޑީއެފް ބިނާވެފައި އޮތުމަކީ ރާއްޖޭގެ ހިމާޔަތާއި ސަލާމަތަށް މުހިއްމު ކަމެއް ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ގަމުގައި ހުންނައިރު، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ގިނަ ތަމްރީނުތަކެއް ހިންގާއިރު، އޭގެ ތެރޭގައި ލައިވް ފަޔަރ އާއި ގުޅުން ހުރި ތަމްރީނުތައް ވެސް ހިމެނެ އެވެ.

”އަޅުގަނޑު ގަބޫލެއް ނުކުރަން ސަދަން އޭރިއާ ކޮމާންޑް ހުންނަ ތަނުގެ ދެފަރާތުގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގަން ޖެހޭނެ ކަމަކަށް. އެތަނުގައި ލައިވް ފަޔަރ އެކްސަސައިޒްތައް ކުރިއަށް ގެންދެވޭ. ކިތަންމެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިޔަސް ލައިވް ވަޒަން ބޭނުންކުރަން ޖެހޭނީ ހަމައެކަނި ތަމްރީނުތަކުގައި. މީހުންނަށް ނުވަތަ މުދަލަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ލިބޭ ގޮތަށް. ”

ގައްސާން ވިދާޅުވީ ފުރަތަމަ ކޮޅުގައިވެސް ގަން ކަނޑައަޅާފައި އޮތީ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅު ކަމުން، އަދި އެތަނުން 200 މޭލު ދުރުގައި އީއީޒެޑް އޮތުމުން، އެ ސަރަހައްދު މޮނިޓަރ ކުރުމަށް ޑްރޯން އޮޕަރޭޝަންތަކަށް އެންމެ ރަނގަޅީ އެތަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި ވައިގެ ދަތުރުފަތުރު މަދުވުމުން ޑްރޯންތައް އުދުހުމާއި ޖައްސާ ވަގުތު ކަނޑައެޅުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ