މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަންފެށި ހަތަރު ބިލެއް އިތުރަށް ދިރާސާ ކުރުމަށް ސަބްކޮމިޓީތަކަށް ފޮނުވައިފި އެވެ.
މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަތަރު ބިލުގެ މަސައްކަތް ވަނި ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއިރު މި އިސްލާހަކީ އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 16% އިން 17% އަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ޑިސެމްބަރުން ފެށިގެން އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީތައް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ޓޫރިޒަމް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގްރީން ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ އިސްލާހެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެވެ.
މި ބިލުތައް އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ ހިމެނޭހެން އެކުލަވާލާ ސަބްކޮމެޓީއަކަށެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު މާލިއްޔަތު ކޮމެޓީ ޓެކްސް ބޮޑުކުރުން



