އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ އިބްރާހީމް ނިޒާމް މަގާމުން ވަކިކޮށްފި އެވެ.
ނިޒާމް މި މަގާމުން ވަކިކޮށްފައިވަނީ މިއަދު އެވެ. ނިޒާމް ހަވާލުވެގެން ހުރީ އެ މިނިސްޓްރީގެ އެންވާރަމެންޓް ޑިޕާޓްމެންޓާއި އެވެ.
ނިޒާމް އަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް (ސަން ޓްރެވެލް ޝިޔާމް) ގެ ޕާޓީ، އެމްޑީއޭގެ ސްލޮޓްގައި ސަރުކާރުގެ މަގާމަށް އައްޔަންކުރި ފަރާތެކެވެ.
ސަރުކާރުން މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންގެ ސީދާ އަދަދެއް އަދިވެސް ހާމަވެފައި ނުވެ އެވެ.
މިފަހުން ސަރުކާރުން ވަނީ ހަރަދުކުޑަކުރުމުގެ ބޭނުމުގައި 228 ސިޔާސީ މުވައްޒަފުންނެއް މަގާމުން ވަކިކޮށްފަ އެވެ. ނިޒާމްއަކީ އެ ލިސްޓުގައި ހިމެނުނު ސިޔާސީ މުވައްޒަފެއްކަން އަދި ކަށަވަރުވެފައި ނުވެ އެވެ.