ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ބައްސާމްގެ ފަރާތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރި ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ. އެހެންނަމަވެސް، މިއަދު ހައިކޯޓުން ހާމަކުރި ގޮތުގައި ބައްސާމްގެ ފަރާތުން ވަނީ ރަޖިސްޓްރާގެ މި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފަ އެވެ.
ފުލުހުން ބައްސާމްގެ އެޕާޓްމަންޓްތައް ނަގާފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެވެ. ފުލުހުން މިކަމާ ގުޅިގެން ބުނެފައިވަނީ މިއީ ވަގުތީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، ޝަރީޢަތުން ގޮތެއް ނިންމަންދެން އެޕާޓްމަންޓްތައް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބައްސާމް އަދީލް ޖަލީލު އެފްއޭއެމްގެ ފައިސާއިން މި ދެ އެޕާޓްމަންޓް ގަތް ކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ބައްސާމްގެ ފަރާތުން ވަނީ ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަން ފާހަގަކުރެވެ އެވެ.