ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅެއްގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ އިއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަމަކީ (ރައީސް ފޮނުއްވެވި ތަރުތީބުން):
- ފާޠިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ
- އަސްމާ ޝަފީޢު، ވައިޖެހޭގެ / ހއ. އިއ. އިހަވަންދޫ
މި ދެ ނަން ދިރާސާކުރުމަށް ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަޤާމަށް މީހަކު ޢައްޔަނުކުރެވެނީ 5 އަހަރުގެ ދައުރަކަށެވެ.
މިހާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވީ ހަސަން ޒަރީރުއެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް މީހަކު ހޮވުމުން، އެ ފަރާތް މަސައްކަތްކުރާނީ ހަސަން ޒަރީރުގެ ދަށުންނެވެ.
މި މަޤާމަށް މީހަކު ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، ޓެކްސް ނެގުމާއި ބެހޭ ކަންކަން ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.