ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އައްޑޫ ޝަންގްރިއްލާ ރިސޯޓު ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައިސަލްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާ އިބްރާޙިމް ނާޒިލް ވަނީ، ޝަންގްރިއްލާގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން ޝަންގްރިއްލާ ހުޅުވުމުގެ އެންމެ ފަހުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލު ކޮށްފައިވެ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ޝަންގްރިއްލާ ބަންދުކޮށްފައި އޮންނަ މައްސަލައަކީ އައްޑޫގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ މަސްތެރޭގައިވެސް ޝަންގްރިއްލާގެ، ރާއްޖޭގައި ތިބި މެނޭޖްމަންޓާވެސް ބައްދަލުކުރެއްވިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެވި އޮތީ މިސަރުކާރުގެ 10 މަހުގައި އެކަނި ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ފައިސަލް ވަނީ އެ އެރަށް އޮޕަރޭޝަނަލް ނުގެނެވި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ތިއްބެވި ތަނަކަށް ދާނެކަމަށެވެ.
މީގެއިތުރުން ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށެއް ތަރައްގީ ކުރުމަށް ފަހު އޮޕަރޭޓު ނުކޮށް އޮތްނަމަވެސް، އެފަރާތަކުން ބަރާބަރަށް ކުލި ދައްކާ ނަމަ އެ ރަށް ނެގޭނެ ހާލަތެއް ގާނޫނުގައި ނޯންނަކަމަށެވެ.
”އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝަންގްރިއްލާ ހުޅުވުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނެސްގެން އެކަން ކުރަންޖެހޭ ކަމުގައިވާނަމަވެސް، އެކަން ކުރާނެ ވާހަކަ“ މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.
ޝަންގްރިއްލާ ހިންގުމަށްފަހު ބަންދު ކޮށްފައިވަނީ ކޮވިޑާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލިސް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް