ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަށް އެކަން ކުރެއްވުމަށްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ގުޅިގެން އެތަންތަނުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިހުސާން ވިދާޅުވީ ވަކި ދުވަހެއް ނުދަންނަވާނެ ކަމަށާއި ނަމަވެސް ޓާގެޓަކީ ވީ އެންމެ އަވަހަށް މިކަން ކުރުން ކަމަށެވެ. އަދި މަރުގެ އަދަބު ތަންފީޒް ކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް އެ އަދަބު ތަންފީޒު ކުރަން ފަށާނެކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ މިހާރު ހަމަ އިއުލާންކުރައްވާފައިވާ ގޮތަށް އެކަން ކުރާނެ ދިވެހި ރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ، މި ދައުރެއް ނޫން އިނގޭތޯ، މި މަސައްކަތް ނިމޭހާ އަވަހަކަށް، އަޅުގަނޑުމެން ނުބުނާން މި ވެނި ދުވަހެއްގައޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް.
އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމައްޓަކައި އަމަލު ކުރަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ކޯޓުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމަން ޖެހޭކަން އިހުސާން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އުސޫލުތަކާއި ގަވައިދުތައް ހަދައި، މަރުގެ އަދަބު ދޭނެ ތަން ހަދާ މުވައްޒަފުން ތަމްރީނު ކުރުމަކީވެސް ކުރަން ޖެހޭކަމެއްކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މީގެ 70 ވަރަކަށް އަހަރު ކުރިން 1953 ވަނަ އަހަރު އެވެ.