ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އަބްދުލްވާހިދު ރިފާސް ދައުވާތަކަށް އިންކާރު ކޮށްފި އެވެ.
ނައީމާ މަރާލި މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކުރަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން މިއަދު ވަނީ ރިފާސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. މިމައްސަލައިގައި އަބްދުލްވާހިދު ރިފާސްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި އޮގަސްޓުގައި ބޭއްވި އަޑުއެހުމުގައި އެންމެންގެ މައްޗަށް ދައުވާ އިއްވުމުން ދެންތިބި ދެ މީހުން ދައުވާއަށް އިންކާރު ކުރިއިރު ރިފާސް އެދުވަހު އެދިފައިވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. މިއަދުގެ އަޑުއެހުމުގައި ރިފާސްގެ ވަކީލް ވިދާޅުވެފައިވަނީ އެ ދައުވާތަކުގައި ތުހުމަތުކުރާ އެއްވެސް އަމަލެއް ހިންގުމަށް ރިފާސް ބައިވެރިވެފައި ނުވާ ކަމަށެވެ.
ދައުވާތަކަށް އިންކާރު ކުރުމުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާ ފަރާތްތަކާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރުމުން ރިފާސްގެ ވަކީލް ވިދާޅުވީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ. އެގޮތުން އެދިފައިވަނީ މައްސަލައިގެ ބާވަތުން ބައެއް ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް ޖެހިލުންވާތީކަންވެސް ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން ހެކި ހުށަހެޅުމަށް ގާޒީ ވަނީ 20 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
ނައީމާ މަރާލި މައްސަލައިގައި ޖުލައި މަހު ބޭއްވި އަޑުއެހުމުގައި ވަނީ ބައެއް ހެކި ސިއްރުކޮށް އަދި ބައެއް ހެކި ހަމައެކަނި ކޯޓުގައި ބެލޭގޮތަށް އަމުރުކޮށްފަ އެވެ.