ދުންފަތް އެތެރެކުރާ މީހުން އެތަކެތި އެތެރެކުރަނީ މަސްތުވާތަކެތި އަޅައިގެން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށްް ބަހުސް ކުރަށްވަމުންނެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ދުންފަތް އެތެރެކުރާ މީހުން އެތަކެތި ވިއްކުމަށްޓަކައި މާކެޓު ކުރަނީ ރާއްޖޭގެ ސްކޫލްތަގައި ކަމަށާއި، އަދި އެއަށް މަސްތުވާތަކެތި އަޅައިގެން ކަމަށެވެ.
“މިކަން ހުއްޓުވުމަށްޓަކައި މަސައްކަތްކުރާއިރު ރާއްޖޭގެ ރައްޔިތުން އިންތިހަބުކޮށްފައި ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލަދެއްވެސް ނުގަނޭ (ދުންްފަތާ އެއްކޮޅަށް ވާހަކަދައްކަން).”
ޔޫރަޕުގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވަނީ އެސަރަހައްދުގައި ފިނި ގަދަވެ، ފިނިން ރައްކާތެރިކަން ލިބިގަތުމަށް ހީފިލުވަން ކުރި ކަމެއްގެ ގޮތުގައި ކަމަށާއި، މިފަދަ ގޮތްތައް ރާއްޖޭގައިވެސް އެއް އިރެއްގައި ކޮޕީކޮށް އުޅުނު ކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ، ރާއްޖޭގައި މީގެ 40 އަހަރު ކުރިން ރިސޯޓުތަކުގައި މަސައްކަތް ކުރި ފަރާތްތަކުން ފިނި ޤައުމުތަކުގައި ލައި އުޅޭ ބޯ ޖެކެޓު ލައިގެން އުޅުނު ކަމަށާއި އެއީ ހޫނު ޤައުމުތަކުގައި ލާ އެއްޗެއް ނޫންކަން އޭރު ނޭނގެނީ ކަމުގައެވެ.
ދީދީ އިތުރަށް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުނުކޮށްވެސް އުޅެވޭނެކަމަށާއި ދުންފަތުގެ ބަދަލުގައި ފްރެޝް އޮރެންޖް ޖޫހާއި އާފަލުޖޫސްފަދަ ބުއިންތަކަށް ބަދަލުކޮށްލުމުން ދުންފަތަށްވުރެ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)