ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ފައިސާ ނުދައްކާ ދަރަނިވެރިންގެ ނަން އާންމު ކުރަން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރީގެ ހިދުމަތާއި އެޗްޑީސީ އިން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރިހާ ފަރާތްތަކުން މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނުދެއްކި ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
މި މުއްދަތު ހަމަނުވާ ފަރާތްތަކަށް އިތުރު ނޯޓިސްއެއް ދޭނެ ކަމަށާއި ނަމަވެސް އެމީހުންގެ ނަމާއި ދައްކަންޖެހޭ އަދަދުތައް ކުންފުނީގެ ވެބްސައިޓުގައި ތަފްސީލުކޮށް ޝާއިއުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ މިއީ އެކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.