ސީރިޔާއިން އައި ދިވެހިން އިންޓަގްރޭޝަން ސެންޓަރުގައި އިތުރު 6 މަަހަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ނިންމައިފި އެވެ.
ސީރިއާގެ ހަނގުރާމަވެރި ސަރަހައްދުގައި ބައިވެރިވުމަށް ސީރިއާއަށް ދިޔަ ދިވެހިންގެ 21 މީހުންގެ ތެރެއިން 19 މީހަކު އިތުރު ހަ މަސް ދުވަހަށް ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންސީއާރު)ގައި މަޑުކުރުވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މީޑިއާ އޮފިސަރު ފާތިމަތު ރިފާތު “ޖަވިޔަނި” އަށް ކަށަވަރުކޮށްދީފައި ވެއެވެ.
ފަސް އާއިލާއަކަށް ނިސްބަތްވާ މި 21 މީހުން ދިވެހި ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ބިޔޯންޑްގެ ޗާޓަޑް ފްލައިޓެއް މެދުވެރިކޮށް އަނބުރާ ރާއްޖެއަށް ގެނައީ ސަރުކާރުގެ އެހީތެރިކަމަށް އެފަރާތްތައް އެދުމުން ނެވެ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނަކު ހިމެނެ އެވެ. އެ އެންމެންވެސް މިވަގުތު ދިރިއުޅެނީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ އެންސީއާރުގަ އެވެ. މުޖުތަމައުއަށް އަލުން ދޫކުރުމުގެ ކުރިން މި ފަރާތްތަކަށް ހާއްސަ ރީއިންޓަގްރޭޝަން ޕްރޮގްރާމެއް މިނިސްޓްރީން ދަނީ ކުރިއަށް ދެމުން ނެވެ.
ރިފާތު ބުނީ އިންޓަގްރޭޝަންގެ އަސްލު ހަ މަސް ދުވަހުގެ އިތުރަށް ހަ މަސް ދުވަހަށް ޕްރޮގްރާމް ދިގުދަންމަން ނިންމީ 16 އޮގަސްޓް 2024 ގައި ކަމަށެވެ. 21 މީހުންގެ ތެރެއިން 2 ކުޑަކުއްޖަކު އަލުން އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށް ރިފާތު މައުލޫމާތު ދިނެވެ. ނަމަވެސް، ބާކީ ތިބި ބޮޑެތި މީހުން ރީއެންޓަގްރޭޝަން ސެންޓަރުގައި ހޭދަކުރާ މުއްދަތު އިތުރުކުރަން ނިންމި ސަބަބެއް މިނިސްޓްރީއަށް ހާމަނުކުރެވޭނެ ކަމުގައި ރިފާތު ބުންޏެވެ.
“އެއީ ވަރަަށް ހައްސާސް މައްސަލައެއް. އެހެންވީމާ، އެ މައުލޫމާތު އަޅުގަނޑުމެންނަށް ހާމަނުކުރެވޭނެ”
ނަމަވެސް ރީއިންޓެގްރޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމަށް ފަހު ދެ ކުއްޖަކު އަނބުރާ އާއިލާތަކަށް ދޫކޮށްލާފައިވާއިރު، ބާކީ ތިބި ކުދިން އަދިވެސް ތިބީ އެ ފެސިލިޓީގަ އެވެ.
“ޖަވިޔަނި” އަށް އިތުރަށް މައުލޫމާތު ދެމުން ރިފާތް ބުނީ ސީރިޔާގައި މިހާރުވެސް ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް އެބަތިބި ކަމަށެވެ. އަދި ރާއްޖެ އަނބުރާ އައުމަށް ގަސަރުކާރުގައި އެދިފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ފަރާތްތައް ރާއްޖެ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާ ނަަމަވެސް، ރާއްޖެއަށް ގެނެވޭނެ ސީދާ ތާރީހެއް އަދި ހަމަޖެހިފައިނުވާ ކަމަށް ރިފާތް މައުލޫމާތުދީފައި ވެއެވެ.
ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ފިލައިގެން ގެންނަ ވަކިވަކި ފަރުދުންނަށް ރީއިންޓެގްރޭޝަނާ ގުޅޭ ހުރިހާ ހަރަދެއް ކުރަނީ ދިވެހި ސަރުކާރުން ނެވެ.
މީގެ ކުރިން ޖެނުއަރީ މަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ ސަރުކާރުން ވެސް އެ ފަރުދުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދަތުރު ކުރުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އުފުލުމުގެ ކުށެކެވެ. އެ ގާނޫނުގައިވާ ގޮތުންނަމަ ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދުތަކެއްގެ ގޮތުގައި ބެލެވެ އެވެ.
ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ތާށިވެފައި ތިބުމަށްފަހު ދިވެހި މީހުން އަނބުރާ ރާއްޖެ ގެނައީ 2022 ވަނަ އަހަރު އެވެ. އެފަހަރު އަންހެނަކާއި އޭނާގެ ތިން ދަރިން ގެނެސްފައި ވެއެވެ. އެ އާއިލާ އަލުން މުޖުތަމައުގައި އިންޓަގްރޭޓް ކުރީ އެ ސެންޓަރުގައި ރީއިންޓެގްރޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އެވެ.