މިސަރުކާރުން ތުރުކިޔޭއިން ޑުރޯން ގަނެފައި ވަނީ، ވަރަށް އަވަސް އަރުވާލައިގެން ޤާނޫނާއި ޚިލާފަށް ކަމަށް އެމްޑީޕީން ކުރި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭނުމަށް ގަނެފައިވާ ޑްރޯންތައް ގަތީ ޤާނޫނު އަސާސީއާއި ޚިލާފަށް ނޫން ކަމަށާއި، އެތަކެތި ގަނެފައިވަނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ”ސްޕޭސް“ގެ ތެރެއިން ކަމަށެވެ.
”ޑުރޯން ގަތީ ޤާނޫނާއި ޚިލާފަކަށް ނޫން. މާލިއްޔަތު ޤާނޫނާއި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް.“
މިނިސްޓަރ ވިދާޅުވީ، އެމްޑީޕީގެ ގިނަ މަޝްރޫޢުތައް މިސަރުކާރުން މަޑުޖެއްސީކީ ނޫންކަމަށެވެ. އެ ޕްރޮޖެކްޓުތަކަށް އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓުނު ކަމަށެވެ.
އެ ފައިސާ މިހާރުވެސް ދެމުންދާ ކަމަށާއި، އެކަމަކު ކުޑަ ދަތިތަކެއް އަދިވެސް އުޅޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުން ގެނައި ޑުރޯންގެ ޙަޤީޤަތް އޮޅުވާލަން އެމްޑީޕީން މަސައްކަތް ކުރިޔަސް އެކަން މާލީ ހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.
މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.



