ހަ ވަނަ ’ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން‘ ސަމިޓްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވަޑައިގަންނަވައިފި އެވެ.
މި ސަމިޓް ބޭއްވުނީ އޮކްޓޯބަރ މަހުގެ 17 އަދި 18 ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގަ އެވެ.
ޔުނެސްކޯ އަދި ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުނު މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު އިލްމީ ބޭފުޅުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުންގެ މެދުގައި، ތަޢުލީމީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ސަމިޓްގެ ތެރޭގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފްރޭންކް ލޯ، ޗެއަރ އޮފް ޔުނެސްކޯ-އައިއައިޓީއީ ގަވަނިންގ ބޯޑް، ޕްރޮފެސަރ އާޝާ ކަންވަރް އަދި ޑައިރެކްޓަރ އޮފް ޔުނެސްކޯ-އައިއައިޓީއީ، ޓައޯ ޒަންއާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން، ސީޝެލްސްގެ އެޑިޔުކޭޝަން މިނިސްޓަރ، ހިޒް އެކްސެލެންސީ، ޖަސްޓިން ވެލެންޓިންއާވެސް ބައްދަލުކުރެއްވި އެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމުން، ޑރ. މާރިޔާއަށް ލިބިވަޑައިގަތް މަޢުލޫމާތާއި ތަޖުރިބާ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
