އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން މަޖިލީހަށް ނާންގާނެ ކަމުގައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިގޮތަށް ވިދާޅުވީ އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުންް އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތެއްގައި ސަރުކާރުން މިވެނި ކަމެއް މިވެނި ގޮތަކަށް ކުރަން ނާންގާނެ ކަމަށެވެ.
އުޝާމަށް މި ސުވާލު އަމާޒުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަސްކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން ދާދި ފަހުން ގޮވާލާފައިވަނިކޮށެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި އޮތް ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ކަމުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީ އިން ބުނެފައި ވެއެވެ.
މިހާރު މަޖިލީހުން ދަނީ މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލު މިވަގުތު މަޖިލީހުގައި އޮންނަތާ 120 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުން ވަނީ މަޖިލިސް އަލުން ހުޅުވުމުން މި ބިލުގެ މަސައްކަތް ފަށާނެ ކަމަށް ހާމަކޮށްފަ އެވެ. މި ބިލަކީ އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލެއް ކަމަށްވާއިރު، މިހާރު ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގަ އެވެ.
ސަރުކާރުން މިއަހަރުގެ ޖުލައި މަސް ތެރޭގައި މިކަހަލަ ނިންމުމެއް ނިންމާފައިވީނަމަވެސް، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅުނު ބިލުގައި ފުށުއަރާ ކަންތައްތައް ހުރި ކަން މީގެ ކުރިން އުޝާމް ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން ފަލަސްތީނު މީހުންނަށްވެސް ރާއްޖެއަށް ނާދެވޭނެ ކަން އުޝާމް ފާހަގަކުރެއްވި އެވެ. އެހެންކަމުން، މި ބިލް ރަނގަޅަށް ދިރާސާކޮށް އިސްލާހުތައް ގެންނަން ޖެހޭނެ ކަމުގައި އުޝާމް ވިދާޅުވެފައި ވެއެވެ. އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު މިހާރުވެސް ފަލަސްތީނަށް ނިސްބަތްވާ މަދު ބައެއް ރާއްޖޭގައި ދިރިއުޅެމުން އެބަދެ އެވެ.
