ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އާ އުސޫލެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ބީލަމުގެ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާ ކުރެވޭގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.

ގެޒެޓްގައި އާންމުކުރި މި އުސޫލުގައިވާ ގޮތުން ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު މިހާރު ވަނީ އާންމުކޮށް، އަމަލުކުރަން ފަށާފަ އެވެ.

މީގެ ކުރިން މާލިއްޔަތު ގަވާއިދާއި މާލިއްޔަތު ގާނޫނުގައިވެސް ކުށެއް ކޮށްފިނަމަ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާ މެދު އެޅޭނެ ފިޔަވަޅުތަކާއި ފިޔަވަޅު އަޅަންޖެހޭ ސަބަބުތައް ތަފްސީލްކޮށް ބަޔާންކޮށްފައިނުވާކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގައި ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާ މެދު ފިޔަވަޅު އެޅިދާނެ 16 ކުށެއް ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ. މީގެ ތެރޭގައި ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުޙަލާގައި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ޞައްޙަނޫން ލިޔުންތައް ހުށަހެޅުމާއި އެފަދަ މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ފޮރުވުން ހިމެނެ އެވެ. އަދި ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުންވެސް ހިމެނެ އެވެ. މި އުޞޫލްގެ ދަށުން ފިޔަވަޅު އެޅުމާއި މައްސަލަ ބެލުމުގެ ޒިންމާ މަތިވެފައި އޮންނަނީ ޕްރޮކިއުމަންޓް އެޕީލް ބޯޑަށެވެ.

އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ކުށެއް ކޮށްފިނަމަ 2 ބާވަތެއްގެ ފިޔަވަޅެއް އެޅިދާނެއެވެ. އެއީ ޖޫރިމަނާކުރުމާއި ބީލަމުގައި ބައިވެރިނުވެވޭގޮތަށް ވަކި މުއްދަތަަކަށް ސަސްޕެންޑް ކުރުމެވެ.

މި އުސޫލުގައިވާ ގޮތުން ހުށައެޅޭ މައްސަލައަކީ މައްސަލަ ރައްދުވާ ފަރާތާ ދެކޮޅަށް ހުށައެޅޭ ފުރަތަމަ މައްސަލަނަމަ، މައްސަލައިގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި ބީލަމުގެ ޖުމުލަ އަގުގެ 2.5% އިންސައްތައިން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި އެހެން ބީލަމެއްގައި ބައިވެރިވެވޭނީ ޖޫރިމަނާ ދައްކައި ހަލާސްކުރުމަށްފަހުގައިކަމަށްވެސް އުސޫލުގައި ވެއެވެ.

އުސޫލުގައިވާ ގޮތުން ބީލަންތަކުގައި ބައިވެރިނުވެވޭގޮތަށް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުމުގައި އަމަލުކުރާނީ ކުށެއްކުރާތާ ފުރަތަމަ ފަހަރުނަމަ، 3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެ އެވެ. އަދި ދެވަނަ ފަހަރުނަމަ 2 އަހަރާއި 3 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. އިތުރަށް ކުށެއްކޮށްފިނަމަ 5 އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. ސަސްޕެންޑް ކުރެވޭ މުއްދަތު އިތުރުވަމުންދާނީ ސަސްޕެންޑް ނިމޭތާ 3 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކޮށްފިނަމަކަމަށް އުސޫލުގައި ވެއެވެ. އަދި އެއްވެސް ސެކިއުރިޓީއެއް ނަގައިފައިވާނަމަ އެ ފައިސާ ހިފަހައްޓައި ސަސްޕެންޑްކުރެވޭނެކަމަށްވެސް އުސޫލުގައި ވެއެވެ.

މި އުސޫލުގެ ދަށުން ބީލަމުގައި ބައިވެރިވި ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑުކުރުމުގެ ކުރިން އެފަރާތްތައް ޖޫރިމަނާކޮށް ސަސްޕެންޑްކުރަންޖެހޭ ސަބަބާއި އެކަމާ ގުޅޭގޮތުން ދެވެންހުރި މައުލޫމާތު އެ ފަރާތާ ހިއްސާކުރަންވާނެ އެވެ. އަދި އެފަރާތްތައް ޖަވާބުދާރީވުމަށް ސަރުކާރު ބަންދު ނޫން 5 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މައްސަލަ ދިރާސާކޮށް، މައްސަލަ ނިންމާނީ މާލީ ވުޒާރާގެ ދަށުން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑުން ނެވެ.

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލުގެ ދަށުން މައްސަލަ ރައްދުވާ ފަރާތަށް އަލުން މައްސަލަ ބަލަން އެދުމުގެ އިހްތިޔާރުވެސް ވަނީ ލިބިދީފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ