މާލޭގެ ފިހާރައަކަށް ވަދެ ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ދޮރެއް ހަލާކުކޮށްލައިގެން އެ ތިން މީހުން ފާޅާލީ މާވެޔޮ މަގުގައި ހުންނަ ފިހާރެއް ކަމަށެވެ.
އެ ފިހާރަ ފަޅާލިކަން ފާހަގަވީ ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ކަމަށް ފުލުުހުން ބުނެފައިވެ އެވެ.
ފުލުހުން ފަހުން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރުކޮށް ފުލުހުން ވަނީ އެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ، އަތަމާގެ އިހުސާން އިބްރާހިމް (26އ)، އާއި ގދ. ވާދޫ ލިލީގެ، މުހައްމަދު ސޮބާހް (46އ)، އަދި ރ. އިނގުރައިދޫ/ދަނބުރުއްދަށުގެ އިބްރާހިމް މުހައްމަދު ރަޝީދު(34އ)، އެވެ.
ފުލުހުން ބުނީ، އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގެރޭޓް ކާޓޫންތަކެއް ވެސް ހޯދިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިހުސާން 30 ދުވަހަށް ބަންދުކުރި އިރު ސޮބާހުއާއި އިބްރާހިމް މުހައްމަދު ރަޝީދު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.