ކުރިއަށް އޮތް ކޮޕް ސަމިޓް ވާނީ އެންމެ ގިނަ ސައިޑް އިވެންޓް ބޭއްވޭ ސަމިޓަށް ކަމުގައި އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސަމަށް އަންނަ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް، ކޮޕް 29 އަޒަރުބައިޖާނުގައި މި އަހަރު ނޮވެންބަރު މަހު އޮންނާނެ ކަމަށެވެ. މި ކޮންފަރެންސަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު އެންވާރަމެންޓް މިނިސްޓްރީ އިން ވަނީ ފަށާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮޕް 29 ގެ ހަވާސާގައި ވަރަށް ބައިވަރު ސައިޑް އިވެންޓްތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ސައިޑް އިވެންޓެއް އެ ކޮންފަރެންސްގެ ތެރޭގައި ބޭއްވޭނެ އެވެ.
އެޓޯލްސް ނޭޝަންސްގެ ޗެއަރގެ ހައިސިއްޔަތުން ސަސްޓެއިނަބަލް ކޮރަލްރީފް މެނޭޖްމަންޓާ ގުޅޭ އިވެންޓެއް ރާއްޖެއިން ހޯސްޓް ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަންގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. އެއާއެކު، ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާގެ ކޮންޓްރިބިއުޝަން އިތުރުކުރުމަށް ކޮޕް 29 ގައި ވަކާލާތު ކުރައްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރަށްވެސް، ރާއްޖޭގެ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް ލޯންޗްކުރުމަށް ސައިޑް އިވެންޓެއް ބޭއްވުމަށްވަ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.