ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާކަމަށް ތުހުމަތު ކުރާ ދެ ޕެންޓްހައުސް އަނބުރާ ހޯދުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
ބައްސާމް އެފްއޭއެމްގެ ފައިސާއިން ގަތްކަމަށް ތުހުމަތު ކުރެވޭ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލު ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ އަމުރާ ގުޅިގެން އެ ދެ ޕެންޓްހައުސް ހަވާލު ކުރުމަށް އިތުރު ވަގުތު ދިނުމަށް ބައްސާމް އެދުމުން މިމަހުގެ ނިޔަލަށް މުއްދަތު ދީފައިވެ އެވެ. ނަމަވެސް ބައްސާމް ވަނީ މިމަހުގެ 9 ވަނަ އެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފް ކުރުމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓަށް ބަލައި ނުގަންނަން އެ ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމާފަ އެވެ. އެ މައްސަލަ ބަލައި ނުގަތުމަށް ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ރަޖިސްޓްރާ މިހެން ނިންމެވި ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މި ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި ދެ ފްލެޓަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ފްލެޓްތަކެކެވެ. މި ފްލެޓްތަކަކީ ހުޅުމާލޭ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށާއި، މި ދެ ފްލެޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ބައްސާމްއާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު އަގީލްގެ މައްޗަށާއި، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށެވެ.
ހައި ކޯޓު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ބައްސާމް އަދިލް ޖަލީލް އެފްއޭއެމް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)