ޤުރުއާން އުނގަންނައިދިނުމަށާއި، ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށްޓަކައި ފެށި މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭކަމަށް އިސްލަމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިސްކިތު ޤާރީ ކުލާސްތައް ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މިހާރު ފަށާފައިވާއިރު، އެކި ޢުމުރުފުރާތަކުގެ ކުދިން އަންނަނީ ކުލާސްތަކުގައި ބައިވެރިވެ ޤުރުއާން އުނގަނަމުންނެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ، މި ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުން ކަމަށާއި، މިއީ ހިލޭސާބަހަށް ޤުރުއާން އުނގަންނައިދިނުމަށް މަސައްކަތްކުރައްވާ އިމާމުން ކަމަށެވެ. އަދި މިސްކިތު ޤާރީ ކުލާސްތައް ކުރިއަށް ދަނީވެސް ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ކަމަށެވެ.
މިސްކިތު ޤާރީ ކުލާސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ކުލާސް ފެއްޓެވުމަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ރަށްތަކުގެ އިމާމުން ޤުރުއާން ކިޔަވައިދެއްވަން ބޭނުންވެލައްވާ އިމާމުން ތިއްބަވާކަމަށާއި އެ އިމާމުންނަށް ދިމާވާ ދައްޗަކީ ޤުރުއާން ކިޔަވައިދޭނެ ޖާގައެއް ނެތުން ކަމަށެވެ.
އެހެންކަމުން، މި ކުލާސްތަކަކީ އެ އިމާމުންނަށް ފުރުސަތެއް ފަހިވެގެންދާނެ ކުލާސްތަކަކަށްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި މިހިސާބަށްވެސް އައިސްފައިވަނީ އިހުޒަމާނުގައި ހިލޭ ސާބަހަށް އިމާމުންނާއި މުދިންމުންނާއި އެދުރުދައިތައިންނާއި އެދުރުބޭބެމެން ކޮށްދެއްވި ބުރަ މަސައްކަތާއި ޤުރުބާނީގެ ސަބަބުން ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
އިސްލަމިކް މިނިސްޓްރީ އިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކެއްގައި މި ކުލާސްތައް ކުރިއަށް ގެންދިއުމެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް