ޕްރައިވެޓް މެޑިކަލް ފެސިލިޓީއެއް ކަމުގައިވާ އީވް ކްލިނިކުން މެދުކަނޑާލާފައިވާ އާސަންދަ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށައިފި ކަމަށް އާސަންދަ ކުންފުނިން މިއަދު ހާމަކޮށްފި އެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޮކްޓޫބަރު 14 އިން ފެށިގެން އީވް ކްލިނިކުން އަލުން އާސަންދަ އިންޝުއަރެންސް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އާޝިޔާ އިތުރަށް ވިދާޅުވީ، އީވް ކްލިނިކަށް އާސަންދަ ދިނުން މެދުކަނޑާލީ އޮގަސްޓު 12 ގައި ކަމަށެވެ.
”އޮގަސްޓު 12 ގައި ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން. މައްސަލަ ބަލާ ނިމި 14 އޮކްޓޫބަރުގައި ވަނީ އަލުން އާސަންދަ ކަވަރޭޖް ދޭން ފަށާފަ“ އާޝިޔާ ވިދާޅުވި އެވެ.
ނަމަވެސް، އެ ކްލިނިކުން އާސަންދަ ކަވަރޭޖް ސަސްޕެންޑް ކުރަން ޖެހުނު ސަބަބާ ގުޅޭ އިތުރު ތަފްސީލެއް އާސަންދައިން ހާމަކޮށްފައެއް ނުވެ އެވެ.
މިއީ އީވް ކްލިނިކުން އާސަންދަ ޚިދުމަތް މެދުކެނޑުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2015 ވަނަ އަހަރުވެސް ދިމާވި މައްސަލައަކާ ގުޅިގެން އާސަންދަ ޚިދުމަތް އެ ކްލިނިކުން ވަނީ ކަނޑާލާފަ އެވެ.
އީވް ކްލިނިކުން ވަނީ ވެސްޓް ޕާކު ކައިރީގައި އެ ކްލިނިކުގެ އިތުރު ގޮފްޗެއް ހުޅުވާފައެވެ.