ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ބޮޑު ލީޑަޝިޕްގެ ދަށުން ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، ސްޓެލްކޯގެ މުވައްޒަފުން ބިނާކޮށްފައިވާ 7،500 އަކަފޫޓުގެ މި ދެބުރީގެ އިމާރާތަކީ އެމީހުންގެ ބުރަ މަސައްކަތާއި ތަޖުރިބާގެ ހެކިތަކެއް ކަމަށެވެ.
އަދި އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ ސަބަބުން، އެ މަޝްރޫޢު ބީލަމަށް ދިޔަނަމަ، ހަރަދުވާނެ ކަމަށް ލަފާކުރެވޭ 13 މިލިއަން ރުފިޔާ ރައްކާކުރެވިއްޖެ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެ އެވެ.
“މި މަރުކަޒުގައި، ސްޓޯރޭޖް ސިސްޓަމްތައް ހިމެނޭ ގޮތަށް، އާ އަދި އިއާދަކުރަނިވި ހަކަތައަށް އިންޖީނު، ޓްރާންސްފޯމަރ، ކޭބަލް، އަދި ފުރިހަމަ ހައްލުތައް ފޯރުކޮށްދީ، ރާއްޖެއަށް ދިމާވެދާނެ ކޮންމެ ކުއްލި ހާލަތަކަށް ރަނގަޅަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދެން.”
މި ޕްރޮއެކްޓިވް ކާމިޔާބީ ގުޅިފައިވަނީ ޤައުމަށް ކެތްތެރި އަދި ރައްކާތެރި މުސްތަޤްބަލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުތަށް ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ފަހުމީ ވިދާޅުވެފައި ވަނި، މި ބިޒްނަސް ސެންޓަރުން އާންމުންނަށްވެސް އަދި އެހެން ކުންފުނިތަކާއި ރިސޯޓްތަކަށްވެސް ބޭނުންވާނެ ތަކެތި ގަނެވޭނެ ކަމަށާއި، އަދި މިކަން ކުރަނީ އާންމު މީހާ ކުރާ ވިޔަފާރީގެ ތެރެއަށް ވަނުމުގެ މަގުސަދުގައިވެސް ނޫން ކަމަށެވެ.
ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ނޮވެމްބަރު މަހުގެ ކުރިން ހުޅުވޭވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ފަހުމީވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.