ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިން ރާއްޖެއިން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) އެވެ.
އެ ދެމީހުން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އެމީހުންގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި އެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނިފައި ވަނީ، އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުންނެވެ.
އަދި އެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އެ ދެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަން އެނގޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
އަމުރުގައި ބުނެފައި ވަނީ، އެ ފަރާތްތަކަށް ވަކީލެއްގެ ފުރުސަތު އޮތް ކަމަށް އެ ފަރާތަށް އައިއޯ އަންގާފައިވާ ކަމަށެވެ.
ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ޝަރީއަތް ފެށި ހިސާބާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އަދި އައިއޯއަށް ހިންދީ ބަސް އެނގޭތީ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ، އައިއޯ މެދުވެރިކޮށް ތަރުޖަމާކޮށް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓު އިންޑިއާ މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް