ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތަށް ނިކުންނަން ފެއްޓެވިކަން ހާމަކުރައްވަމުން ފައިރޫޝް ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަނީ އެ މިނިސްޓްރީގައި ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނެސްފައިވާކަން ރައީސް އޮފީހުގެ ވެބްސައިޓް އިން އަދި ފެންނާކަށް ނެތެވެ.
ޑރ. ފައިރޫޝަކީ ފުލުހުންގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގަ އެވެ. ފުލުހުންގެ ޚިދުމަތުން ފައިރޫޝް ރިޓަޔަރ ކުރެއްވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގަ އެވެ.
މި ބަދަލު އައިސްފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުވާލުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް މުޢިއްޒު ވަނީ 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރައްވަން ނިންމަވާފަ އެވެ. މި މުވައްޒަފުން ވަކިކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ފައިރޫޝް