ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދެ ބިލެއް މަޖިލީހަށް ބަލައިގަތުމަށް ފަހު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 34 ވަނަ ޖަލްސާގަ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ މި ދެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމާލާފަ އެވެ. މި ދެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ފެންނަންކަމަށް 58 މެންބަރުން ވޯޓު ދެއްވި އެވެ. 10 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ. ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަންނަން ފެންކަމަށްވެސް 58 މެންބަރުން ވޯޓު ދެއްވި އެވެ. މި ބިލަށްވެސް އެމްޑީޕީގެ 10 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
ގްރީން ޓެކްސް ބޮޑު ކުރަން ހުށަހެޅި ބިލުގައި ވަނީ ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް އެ ފަތުރުވެރިއެއްގެ އަތުން މިއަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް 6 ޑޮލަރު ނެގޭއިރު އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެ އަދަދު ވަނީ ދެ ގުނައަށް ބޮޑުކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ފަތުރުވެރިއެއްގެ އަތުން ކޮންމެ ދުވަހަކަށް 12 ޑޮލަރު ނެގޭނެކަމަށް ބުނެފައިވެ އެވެ.
އެއާޕޯޓް ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި ބިލުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ފަސިންޖަރުންގެ އަތުން ނަގާ ބައެއް ޓެކުހާއި ފީ އިތުރު ކުރުމެވެ. އެގޮތުން ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިތުރު ކުރުމަށް މި އިސްލާހުގައި ހިމަނާފައިވެ އެވެ.
ޑިޕާޗާ ޓެކްސް އިތުރު ކުރުމަށް ނިންމާފައިވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަހާ އެހެން ހުރިހާ އެންމެންގެ އަތުންނެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާނީ މިހާރުވެސް ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ 12 ޑޮލަރެވެ.
މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނު މި ބިލުތަކުގެ ބަހުސް މަރުހަލާގައި މިދިޔަ ދައުރުގައި ޓެކްސް ބޮޑު ކުރި އިރު މަޖިލީހުގެ މެޖޯރިޓި އޮތް އެމްޑީޕީގެ މެންބަރުން ވަނީ މިފަހަރު އެކަމާ ދެކޮޅު ހަދާފަ އެވެ.