މާބަނޑު ވުމުން ބަނޑުގައި އޮތް ދަރިފުޅަކީ ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ”ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް“ ރާއްޖޭގައި ހަދަން ތައްޔާރުވެފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.
ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާހު ކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓްރ އަބްދުﷲ ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 10 މަސް ތެރޭގައިވެސް ތެލެސީމިއާ ބަލީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.
އޭގެ ތެރޭގައި، ތެލެސީމިއާ ސްކްރީނިން ގެ މަސައްކަތް އިތުރަށް ފުޅާކޮށް، މި ބައްޔަށް ހާއްސަކޮށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުމުގެ މަސައްކަތާއި، ބްލަޑް ބޭންކިންގ އިތުރު ކުރުމުގެ ގޮތުން 4 ސަރަހައްދެއްގައި ބްލްޑް ބޭންކް ގާއިމް ކުރުމާއި، މެދުކެނޑިފައި އޮތް ބޯންމެރޯ ޓްރާންސްޕްލާންޓްގެ މަސައްކަތް އަލުން މި އަހަރު ތެރޭގައި ފެށި ރާއްޖެއިން ބޭރަށް 14 ކުދިން ފޮނުވުން ހިމެނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
އަދި ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ކުރިން ނުހެދޭ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަން ޖެހޭ އެޗްއެލްއޭ ޓައިޕިންގ ޓެސްޓް ރާއްޖޭގައި ތިބެގެން ހެދޭނެ ގޮތް ހަމަޖެއްސުމާއި، ކުދިންނަށް ބޭނުންވާ ލޭ ހޯދުން ފަސޭހަ ކުރުމަށް ލޭ އެޕެއް ތައާރަފްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބެސްޓް ޕްރެކްޓިސް ދެނެގަތުމަށް، މިކަން އެންމެ ރަނގަޅަށް ކުރާ ދެ ގައުމު ކަަމަށްވާ އިޓަލީ އާއި ސައިޕްރަސްއާއެކު މަޝްވަރާ ކުރެވި ފަންނީ އެހީ ހޯދުމަށް އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ތެލެސީމިއާ ފަންޑް ކޮމެޓީ އެކުލަވާލުމާއެކު، ނޭޝަނަލް ބްލަޑް ކައުންސިލްގެ މަސައްކަތް ކުރިއަށްގެންދާއިރު، 2025 އަހަރު ބޯން މެރޯ ހެދުމަށް ފޮނުވާނެ ކުދިން ސްކްރީން ކުރުމުގެ މަސަައްކަތް މިހާރު ކުރެެވެމުންދާ ކަންވެސް މިނިސްޓަރ ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް