ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން މާލޭގައި ހުންނަ ފަދައިން ސުޕީރިއަރ ކޯޓުތަކާ އެކު ރަށެއްގައި އެއްވެސް މެޖިސްޓްރޭޓް ކޯޓެއް އުފެދިގެން ނުވާނެ އެވެ. ނަމަވެސް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމަކުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ސައްހަ ކަމަށް ބެލެވިފައިވެ އެވެ.
”މިހާރު ނިއުސް“ އާ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ހުޅުމާލެ ކޯޓު އުވާލާނެ ކަމަށާއި ގާނޫނަށް އިސްލާހުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
”އެކަން ނިމޭނެ. މިވަގުތު މިތިބީ ޑްރާފްޓިން މަރުހަލާގައި،“
ހުޅުމާލެ ކޯޓު އުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން 2022 ވަނަ އަހަރު މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވެ އެވެ.
ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް އޮތުމުން މާލެ ސިޓީގައި އިންސާފު ހިންގުމަށް ހުރަސްއެޅޭ ގޮންޖެހުންތަކާ މެދު ހައިކޯޓުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)