އެމްޑީޕީއަކީ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ޓޫރިޒަމާ ދެކޮޅަށް ވާހަކަދައްކާ ބައެއްކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެންބަރު އިބްރާހިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ޓުރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގަ އެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ މި ބިލުގެ އިބްތިދާއީ ބަހުސް އެވެ.
މެންބަރު ވާހަކަ ފައްޓަވަމުން ވިދާޅުވީ އެމްޑީޕީ މެންބަރުން ހަގީގަތް އޮޅުވާލުމަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ އެމީހުންގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.
ތަކުރާރުކޮށް އެކިއެކި ޕްލެޓްފޯމްތަކުގަ، ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު، ޓޫރިޒަމާ ދެކޮޅަށް ވާހަކަ ދައްކާ ބޭރުގެ އެކިއެކި ނޫސްތަކުގައި ލިޔެ، އެކަމަށް ލޮބީކޮށް، އެކަމަށް ގެއްލުން ދީފަ މިއަދު މިތަނުގަ ޓޫރިޒަމްގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ.
އެމްޑީޕީއަކީ އެމީހުންގެ ތާރީހުގަ ރާއްޖޭގެ ޓޫރިޒަމް ބޮއިކޯޓް ކުރުމަށް އެތަށް މުޒާހަރާއެއްކޮށް ނޫސްތަކުގައި ލިޔެ އެކަމަށް ލޮބީ ކުރި ބައެއްކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ރާއްޖެއަށް ގެންނަން ހަމަޖެހިފައި އޮތް ފ. އަތޮޅު އިންވެސްޓްމެންޓް ސައުދީ އަރަބިއްޔާއަށް ދިޔައީވެސް އެމްޑީޕީގެ ސަބަބުންކަމަށް މެންބަރު ވިދާޅުވި އެވެ. އަދި މިހާރު ސައުދީއަށް އެ އިންވެސްޓްމެންޓްގެ ސަބަބުން 23 މިލިއަން ކަސްޓަމަރުން ގެނެސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބައެއް ޓެކްސްތައް ބޮޑު ކުރަން ނިންމުމުން ދުބާއީ އާ ސިންގަޕޫރު ފަދަ ގައުމުތަކާ އަޅާ ކިޔަން ފެށުމުންވެސް މެންބަރު އިބްރާހިމް ވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަ ދައްކަވަނީ އެމްޑީޕީ މެންބަރުންގެ ޖާހިލުކަމުން ކަމަށެވެ. އަދި ދުބާއީ އަކީ ތެލާއި ބިން އޮތް ގައުމެއް ކަމަށާއި ސިންގަޕޫރަކީ އެމެރިކާގެ ޑިފެންސް އިންޑަސްޓްރީއަށް ހިދުމަތް ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިންގަޕޫރަކީ ބޮޑު ޕޯޓެއް އޮންނަ ގައުމެއް ކަމަށާއި ފާމަސޫޓިކަލް އިންޑަސްޓްރީއެއްވެސް އޮތް ގައުމެއްކަމަށް އޭނާ ވިދާޅުވި އެވެ. މި ފަދަ އެއްވެސް ކަމެއް ރާއްޖޭގައި ނެތްކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ފަތުރުވެރިކަން