ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ހައްގުގައި އެކިފަހަރުމަތިން ވަކާލާތު ކުރެއްވި ކަމަށް ވިދާޅުވެ، ޔާމީންގެ ވާހަކަތަކަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވާ ”އިންޑިއާ އައުޓް“ ކެމްޕޭން ކުރިއަށްގެންދިޔައިރު އެ ހަރަކާތުގައި މުބީން ބައިވެރިވެވަޑައިގެންފައިނުވާ ކަމަށެވެ. އަދި މުބީނަކީ އޭރު ދުނިޔޭގައި ހުންނެވި ފަރާތެއްކަންވެސް އެނގިވަޑައިގެންފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެ ވާހަކަތަކަށް ރައްދުދެއްވައި، މުބީން އޭނާގެ އަމިއްލަ ފޭސްބުކްގައި ވަނީ ކުރީގައި އޭނާ ބައިވެރިވެވަޑައިގަތް ޕީޕީއެމް ޖަލްސާއެއްގެ ވީޑިއޯކޮޅެއްވެސް ހިމަނުއްވާފަ އެވެ. މި ވީޑިއޯގައި ޕީޕީއެމްގެ އިސް ބޭފުޅުން ދިޔައީ ރައީސް ޔާމީން ޖަލު ހުކުމެއް އޭރު ތަންފީޒު ކުރައްވަމުންގެންދެވީ ނުހައްގުން ކަމަށް ވިދާޅުވެ، ޔާމީންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ނެވެ.
މުބީން ވިދާޅުވީ ”ދުނިޔޭގައި އަޅުގަނޑު ހުރިކަން ނޭނގުނަސް ރައީސް ޔާމީން މިނިވަންކުރަން ކުރެވުނު ގިނަ މަސައްކަތުގައި އަޅުގަނޑު ވާނީ ބައިވެރިވެފަ. މިކަހަލަ ކިތަންމެ ފޮޓޯއަކާއި ވީޑިއޯއެއް ހިއްސާ ކުރެވިދާނެ“ ކަމަށެވެ.
އޭގެއިތުރުން މުބީން ވަނީ ރައީސް ޔާމީންގެ ހައްޤުގައި ކުރި މުޒާހަރާތަކުގެ ތެރެއިން އޭނާ ހައްޔަރުކުރިންވެސް ފާހަގަކުރައްވާފަ އެވެ. އަދި މުބީންގެ އެ ޕޯސްތުގައި އޭނާ ވަނީ ޔާމީންގެ ދިފާއުގައި ކުރި މުޒާހަރާއަކުން އޭނާ ހައްޔަރުކުރުމުން، މިނިވަންކުރުމަށް ގޮވާލާ އޭރު ޕީޕީއެމްއިން ކުރި ޕޯސްޓެއްވެސް ހިމަނުއްވާފަ އެވެ.
ކުރީގައި މުބީން ވަނީ ޔާމީންގެ ހައްގުގައި ކުރި މުޒާހަރާތަކުގައި ހައްޔަރުވެސް ވެފައެވެ.
މި ހަފްތާ ތެރޭގައި ”މެންދުރު ޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވެފައިވަނީ އިންޑިޔާ އައުޓަކީ ޔާމީންގެ ޝިއާރެއް ކަމަށާއި އެހެން މީހުން ބޭނުންވީ ހަމައެކަނި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލަން ކަމުގަ އެވެ.
މިފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައި ހައްދަވާފައިވާ އަމިއްލަފުޅު ޕާޓީ އޮފީހުގެ ތެރޭގައި އިންނަވައިގެން ސަރުކާރާއި، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި ގުޅޭގޮތުން އަސްލެއް ނެތް ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުން ނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒުއާ ގުޅޭގޮތުންވެސް އަސްލެއް ނެތް ގިނަ ވާހަކަތަކެއް ރައީސް ޔާމީން މީގެކުރިން ދައްކަވާފައިވ ެއެވެ.
ރައީސް އަބްދުﷲ ޔާމީން ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން