ހުޅުމާލޭ ފޭސް 2 ގައި އަޅާ ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު ރޭ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ކްރޮސްރޯޑްސްގައި ބޭއްވުނު ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މެލޭޝިޔާގެ މެޑޯ އޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކް އެވެ. މީގެ އިތުރުން ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓް އަދި ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯވެސް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މި ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް ފަރުމާކުރެވިފައިވާ ހޮސްޕިޓަލެކެވެ. މީގެ ތެރޭގައި ލެބޯޓްރީ، ވޯޑްތައް، ޕްރައިވެޓް ރޫމްތައް، އައިސީޔޫ، އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމް، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯ ޓްރާންސްޕްލާން ޔުނިޓެއް އަދި ޖެނެޓިކް ސްކްރީނިންގ އާއި ކައުންސެލިން ޚިދުމަތްތައް ހިމެނެ އެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް މިދައުރުގެ ތެރޭގައި ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވަޢުދެކެވެ. މި ހޮސްޕިޓަލް އެޅުމާއެކު، ރާއްޖޭގެ ތެލެސީމިއާ ބަލިމީހުންނަށް ފަރުވާ ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ތެލެސީމިއާ