އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަސްކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން މިރޭ ގޮވާލައިފި އެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި އޮތް ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ކަމަށެވެ. އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް ޕީއެންސީން އިލްތިމާސް ކޮށްފައިވެ އެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ”އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއީދުކުރާ“ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލު މިވަގުތު މަޖިލީހުގައި އޮންނަތާ 120 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުން ވަނީ މަޖިލިސް އަލުން ހުޅުވުމުން މި ބިލުގެ މަސައްކަތް ފަށާނެ ކަމަށް ހާމަކޮށްފަ އެވެ. މި ބިލަކީ އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލެއް ކަމަށްވާއިރު، މިހާރު ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގަ އެވެ.